ޖަމްރާތަކަށް ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ޙައްޖު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ޖަމްރާތަކަށް ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސުމުގެ ޙުކުމް

ސުވާލު: الله މިއަޅާއަށް މިދިޔަ އަހަރު ޙައްޖުވުމަށް ލިޔުއްވިއެވެ. އަދި ޢީދު ދުވަހު ޖަމްރަތުލް ޢަޤަބާއަށް ހިލަ އުކުމަށް ފަހު ގެފުޅު ވަށައިގެން ޠަވާފުކުރުމަށް އަޅުގަނޑު ދިޔައީމެވެ. ހަމަކަށަވަރުން އެކަން ފުރިހަމަވި އެވެ. އަދި ބޯކޮށީމެވެ. ދެން އަޅުގަނޑުގެ ހެދުން ލީމެވެ. އަދި އެއަށްފަހު، އަޅުގަނޑުގެ އަޞްޙާބުންގެ ވިޔަފާރިކުރާ ތަނަކަށް ދިޔައީމެވެ. އަދި ފިހާރައިގެ އެންމެ މަތިން ވިއްކާ ސާމާނުތަކެއް ބޭލުމުގައި އުޅުނީމެވެ. އަދި އަޅުގަނޑު ވެއްޓި އަޅުގަނޑުގެ ދެފައި ދުޅަވިއެވެ. އަދި ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ޖަމްރާތަކަށް ހިލަ އުކަން އަޅުގަނޑު ނުކުޅެދުންތެރިވިއެވެ. އަދި ހަމަކަށަވަރުން އަޅުގަނޑުގެ މަތިން އެ ދެ ދުވަހު ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސީމެވެ. އެހެންކަމުން، އަޅުގަނޑުގެ ޙައްޖު ޞައްޙަވެފައި ފުރިހަމަވެއްޖެތޯ އެވެ؟ އަޅުގަނޑަށް އިރުޝާދު ދެއްވާށެވެ. جزاكم الله خيرًا.


ޖަވާބު: ސުވާލުކުރި މީހާ ޛިކުރުކުރި ފަދައިން ކަން ހިނގައިދިޔަ ނަމަ، ފަހެ ތިބާގެ ހައްޖު ޞައްޙަ އެވެ. والحمد لله. އަދި ތިބާ ވަނީ އުޒުރުވެރިވެފައެވެ. އެހެނީ ތިބާއަށް އެ ހާދިސާގައި ކުރިމަތިވީ މުޞީބާތުގެ ސަބަބުން ތިބާ ޖަމްރާތަކަށް ހިލައުކަން ކުޅަދާނަވެގެން ނުވީތީ އެވެ. ފަހެ ތިބާ އެކަމުގައި ވަކީލަކު ހަމަޖައްސައިފި ނަމަ، މައްސަލައެއް ނެތެވެ. ތިބާ ވަކީލަކު ހަމަޖެއްސުމުން ފުދޭނެ އެވެ. والحمد لله. އަދި ހަމަ މިފަދައިން ކޮންމެ ބަލިމީހަކު ވެސް އަދި ކޮންމެ ނުކުޅެދުންތެރިއަކު ވެސް، ޖަމްރާތަކަށް ހިލައުކަން ވަކީލަކު ހަމަޖައްސައިފި ނަމަ ފުދޭނެ އެވެ. والحمد لله.

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم التوكيل في رمي الجمرات، ج17، ص450، فتوى رقم: 250.
ސައިޓް ލިންކް: http://goo.gl/etuZtY