މީހަކު ސަލަފީ މަންހަޖުން ނެރެވޭނީ ކޮންއިރަކުތޯއެވެ؟ އަދި އޭނާއަކީ ސަލަފީއެއް ނޫން ކަމުގައި ޙުކުމް ކުރެވޭނީ ކޮންއިރަކުތޯއެވެ؟ - الشيخ العلامة عبيد بن عبد الله الجابري

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ބިދުޢަވެރިކުރުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإمام البربهاري رحمه الله ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން ޢިލްމުވެރިޔާއަކީ ޢިލްމަށާއި އަދި ސުންނަތަށް ތަބަޢަވި މީހާއެވެ. އޭނާގެ ޢިލްމު ނުވަތަ ފޮތްތަށް ކިތަންމެ މަދުވި ކަމުގައި ވިޔަސްމެއެވެ. އެމީހެއްގެ އަތުގައި ކިތަންމެ ޢިލްމެއް ހުއްޓަސް އަދި ފޮތްތަށް ކިތަންމެ ގިނަކަމުގައި ވިޔަސް ޤުރުއާނާއި ސުންނަތަށް ޚިލާފުވެއްޖެމީހަކީ ބިދުޢައިގެ އަހުލުވެރިއެކެވެ." شرح السنة للبربهاري

الشيخ العلامة عبيد بن عبد الله الجابري ދެއްވާފައިވާ ފަތުވާއެއް.

ޝެއިޚްގެ އަރިހުގައި ސުވާލުކުރެވުނެވެ.
މީހަކު ސަލަފީ މަންހަޖުން ނެރެވޭނީ ކޮންއިރަކުތޯއެވެ. އަދި އޭނާއަކީ ސަލަފީއެއް ނޫން ކަމުގައި ޙުކުމް ކުރެވޭނީ ކޮންއިރަކުތޯއެވެ. ޖަވާބުގައި ޝެއިޚް ވިދާޅުވިއެވެ.

"ޢިލްމުވެރިންވަނީ ތިޔަކަންތައް ބަޔާންކުރައްވާފައެވެ. ޢިލްމުވެރިން އެބައިމީހުންގެ ފޮތްތަކުގައި އަދި ނަޞޭޙަތްތަކުގައި އަދި މަންހަޖުގެ ކަންތައްތަކުގައި ވަނީ އުގަންނައި ދެއްވާފައެވެ. އަހުލުއްސުންނަތުގެ އުޞޫލަކާއި ޚިލާފްވެއްޖެނަމަ އޭނާ ސަލަފިއްޔަތުން ނެރެވޭނެއެވެ. އަދި އެކަންތަކުގެ ޙުއްޖަތް އޭނާއަށް ބަޔާން ކޮށްދެއްވުމަށް ފަހުގައި އެއަށް ރުޖޫޢަވުމަށް ދެކޮޅު ހެދުމުން އޭނާ ސަލަފިއްޔަތުން ނެރެވޭނެއެވެ. ހަމަ އެފަދައިން ފަރުޢީ ކަމެއްގަވެސް އެފަރުޢީ މައްސަލައިގައި ދީނުގައިވާ ގޮތާއި ޚިލާފްވެ އެއަށް ލޯބިކޮށް އަދި އެގޮތާ ޚިލާފްވާ މީހުނާއި އިދިކޮޅުވެ ދެމިހުރުމުން އޭނާ ސަލަފިއްޔަތުން ނެރެވޭނެއެވެ."
ފަތުވާ ނަގާފައިވަނީ : صيانة السلفي من وسوسة و تلبيسات علي الحلبي   ص 380