ހުކުރު ދުވަހަށް ތަހުނިޔާ "ޖުމްޢަ މުބާރަކް" ކިޔުމަކީ ބިދުޢައެއް - ސަޢުދީ މުފްތީ ސަމާޙަތުއް الشَّيْخ العَلاَّمَة صالح الفوزَان (ފަޥްޒާން) حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ބިދުޢަ

ދީނުގެ ތެރެއަށް އަލަށް ގެންނަ ކަންކަމަކީ (އެބަހީ: ބިދުޢަތަކަކީ) ލޮބުވެތި ނަބިއްޔާ ﷺ އެކަލޭގެފާނުގެ ޚުޠުބަތުލް ޙާޖާގައި މި އުންމަތަށް އެކަމާމެދު ވަރަށް ބޮޑަށް އިންޒާރުކުރައްވައި ބިރުވެތިކުރައްވާފައިވާ ކަމެކެވެ. އެ ޚުޠުބާގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.  

(فإنَّ خيرَ الحديثِ كتابُ اللهِ وخيرَ الهديِ هديُ محمدٍ صلَّى اللهُ عليهِ وسلَّمَ وشرَّ الأمورِ محدثاتُها وكلَّ بدعةٍ ضلالةٌ. [ورد بزيادةٍ]: وكلَّ ضلالةٍ في النارِ) މާނައީ: "(ފަހެ ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ މަގަކީ މުޙައްމަދު ﷺ ގެ މަގެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ނުބައިވެގެންވާ ކަންތައްތަކީ (ދީނުގެ ތެރެއަށް) އަލަށް ގެނެވޭ ކަންތައްތަކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. [އަދި ބައެއް ރިވާޔަތްތަކުގައި އިތުރުވެގެން އައިސްފައިވެއެވެ]: އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ.)."

ތިރީގައި މިވަނީ ހުކުރު ދުވަހުގެ ތަހުނިޔާ ކިޔުމާ ގުޅޭގޮތުން ޝައިޚް ޞާލިޙް އަލްފައުޒާން ދެއްވާފައިވާ ފަތުވާއެވެ.

ސުވާލު: ކޮންމެ ހުކުރު ދުވަހަކު، އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މީހަކު އަޅުގަނޑަށް ފޮނުވައެވެ. އޭނާ މޯބައިލް ފޯނުން ލިޔެފައި ބުނެއެވެ: "ޖުމުޢާ މުބާރަކާ"، އަދި "މި ދުޢާތަކުން ތިޔަބައިމީހުން ދުޢާކުރުމަށް އަހަރެން އެދެމެވެ." މިއީ މޯބައިލް މެސެޖަކުން ނުވަތަ ފޯރަމްތަކުގައި ލިޔާ ލިޔުންތަކެކެވެ. އޭ ޝައިޚް އެވެ! މިކަމާމެދު ޝައިޚްގެ ރައުޔަކީ ކޮބައިތޯއެވެ؟

ޝައިޚް ޞާލިޙް އަލްފައުޒާން (حفظه الله): "މިއީ ބިދުޢައެކެވެ. އެކަމަށް ﷲ އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައެއް ނުވެއެވެ. ހުކުރު ދުވަހުގެ މުނާސަބަތުގައި މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމަކީ (ކުރީގެ ސަލަފުންގެ މުސްލިމުންގެ މެދުގައި) އެނގިގެންވާ ކަމެއް ނޫނެވެ. އަދި އެއީ ސުންނަތުން ވާރިދުވެގެންވާ ކަމެއްވެސް ނޫނެވެ.

މިފަދަ ކަމެއް ވާރިދުވެގެން އައިސްފައިވަނީ ހަމައެކަނި ޢީދުގައެވެ. އެއީ އަޟްޙާ ޢީދާއި ފިޠުރު ޢީދުގައެވެ.

ފަހެ، ހުކުރު ދުވަހުގެ މުނާސަބަތުގައި އެބައިމީހުން (އެބަހީ: ކުރީގެ މުސްލިމުން، ޞަޙާބީން، ޞަލަފުއް ޞާލިހުން، ހެޔޮ ޤަރުނުގެ އަހުލުވެރިން) އެކަކު އަނެކަކަށް ތަހުނިޔާ ކިޔައިއުޅުނުކަމަކަށް ވާރިދުވެގެން ނުވެއެވެ.

އަދި މޯބައިލް ފޯނުތަކުގައި މިކަން ފެތުރުމާއި، އެ ފެތުރުމަށް ވަޞިއްޔަތްކުރުމަކީ (ބާރުއެޅުމަކީ) ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ބިދުޢަތައް ޕްރޮމޯޓްކޮށް ފެތުރުމުގެ ތެރެއިންވާ ކަމެކެވެ.

އާނއެކެވެ."

[النص العربي]

السؤال: في كل جمعة يرسل لي أحد الزملاء، يقول ويكتب بالجوال: «جمعة مباركة»، «أرجو أن تدعوا بهذه الأدعية»، برسالة جوال أو في المنتديات. ما رأيكم في هذا يا شيخ؟

الشيخ صالح الفوزان حفظه الله: هذا بدعة، ما أنزل الله بها من سلطان. ما كان هذا معروفًا، ولا واردًا في السنة أن المسلمين يهنئ بعضهم بعضًا بالجمعة. إنما ورد شيء من هذا في العيد؛ عيد الأضحى وعيد الفطر. فلم يرد أنهم يهنئوا بعضهم بعضًا بالجمعة. ونشر هذا في الجوالات، والتوصية بنشره، هذا من البدع ومن ترويج البدع. نعم.

 

ތިރީގައި މިވާ ޢިބާރާތަކީ އެފަދައިން ކޮށްފައިވާ ކުށެކެވެ. ދީން ފަހުމުކުރުމަށާއި ދީނަށް ޢަމަލުކުރުމުގައި، އަޅުގަނޑުމެން ތަބާވާންވާނީ އުންމަތުގެ އެންމެ ތަޤުވާވެރި، އެންމެ ޢިލްމުވެރި، އަދި ސީދާވެގެންވާ މަގުގައި ތިއްބެވި ރައްބާނީ ޢިލްމުވެރިންނަށެވެ. މިފަދަ ކުށަކީ ޝަރީޢަތާ ޚިލާފުކަމެއްކަން އެނގުމުން، މުސްލިމުންނަށް އޮތީ އެއިން ދުރުހެލިވުމެވެ.

ތައްޔާރުކޮށް ތަރުޖަމާކުރީ: އިސްމާޢީލް ބިން ރަފީޤް މުޙައްމަދު (غَفَرَ اللَّهُ لَهُ وَلِوَالِدِهِ وَلِجَمِيعِ الْمُسْلِمِينَ)