ސަލަފިއްޔަތުގެ ދަޢުވަތަކީ ހައްޤު އިސްލާމްދީނުގެ ދަޢުވަތު - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ސަލަފިއްޔަތަކީ ނުވަތަ ސަލަފީ ދަޢުވަތަކީ ކޮބައިކަމާމެދު މިއަދުގެ މުޖުތަމަޢުގައި ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ. އަދި ބައެއް ފަރާތްތަކަށް މިކަމުގެ ޙަޤީޤަތް އޮޅިފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ލިޔުމަކީ، މި މުހިއްމު މައުޟޫޢުއާ ގުޅޭގޮތުން ފަހުގެ ތާރީޚެއްގައި އުއްމަތް ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ދެއްވާފައިވާ ވަރަށް ސާފު އަދި ފުރިހަމަ ބަޔާނެކެވެ.
މި ލިޔުމުން، ސަލަފީ ދަޢުވަތަކީ އަލަށް އުފެދިގެން އުޅޭ ވަކި ޚާއްޞަ ފިކުރެއް ނުވަތަ ޖަމާޢަތެއް ނޫންކަމާއި، އެއީ ހަމަ ކީރިތި ރަސޫލާ محمد صلى الله عليه وسلم އާއި އެކަލޭގެފާނުގެ މާތް ޞަޙާބީން ގެންނެވި ޞައްޙަ އިސްލާމްދީނުގެ ތެދު މަންހަޖުކަން ވަރަށް ރަނގަޅަށް ސާފުވެގެން ދާނެއެވެ. އެއީ ޤުރުއާނާއި ޠާހިރުވެގެންވާ ސުންނަތުގައި ހިފެހެއްޓުމާއި، ތަޥްޙީދަށް ގޮވާލުމުގެ މަތިވެރި ދަޢުވަތެވެ. ތިރީގައި މިވަނީ ޝައިޚްގެ މި މުހިއްމު ބަސްފުޅުގެ ދިވެހި ތަރުޖަމާއެވެ.
ސަލަފީ ދަޢުވަތަކީ ކޮބާ؟
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ވިދާޅުވިއެވެ. "އެ ދަޢުވަތަކީ ﷲ އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم ފޮނުއްވި ދަޢުވަތެވެ. އެ ދަޢުވަތަކީ، މަތިވެރި ޤުރުއާނުގައި ހިފެހެއްޓުމަށާއި، ރިވެތި ޠާހިރު ވެގެންވާ ސުންނަތުގައި ދެމިހުރުމަށް (ގޮވާލެވޭ) ދަޢުވަތެވެ. ސަލަފިއްޔަތަކީ (ސަލަފީ) ދަޢުވަތަކީ މި އެވެ. އެ ދަޢުވަތަކީ މައްކާގައި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި އަދި އެއަށްފަހު މަދީނާގައި ދަޢުވަތު ދެއްވި ގޮތަށް ދަޢުވަތު ދެވޭ މަންހަޖެވެ. އެއީ، މުސްލިމުންނަށާއި އަދި އެނޫން މީސްތަކުންނަށްވެސް ޝަރީޢަތަށް ގޮވާލުމަށް އަދި މީސްތަކުންނަށް (ނަޞޭޙަތްތެރިވެ) ކަންތައްތައް ބަޔާންކޮށްދިނުމަށް (ގޮވައިލެވުނު ގޮތައް) ދެވޭ ދަޢުވަތެވެ. މީސްތަކުންނަށް ހެޔޮ ބަޔާންކޮށްދީ، ﷲ އެކަލާނގެ ނަބިއްޔާ ފޮނުއްވި ތަޥްޙީދު މީސްތަކުންނަށް އުގަންނައިދިނުމަށް އަދި ﷲ އަށް އިޚްލާޞްތެރިވުމަށް ގޮވާލެވޭ ދަޢުވަތެވެ. އަދި (އެ ދަޢުވަތަކީ) ރަސޫލާ محمد صلى الله عليه وسلم އަށް އީމާންވުމަށް ގޮވާލެވޭ އަދި ﷲ عز وجل އަށް ޝަރީކު ކުރެވޭ އެންމެހައި ޝަރީކުތަކުން އެއްކިބާވުމަށް ދެވޭ ދަޢުވަތެވެ. އަދި (އެ ދަޢުވަތަކީ) ﷲ އާއި އެކަލާގެ ރަސޫލާގެ އެންމެހައި އަމުރުފުޅުތަކުގައި ޤާއިމްވެ، ކިޔަމަންވެ ދެމިހުރުމަށް ގޮވާލެވޭ ދަޢުވަތެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރެއްވި އެންމެ ނަހީތަކުން އެއްކިބާވުމަށް ގޮވާލެވޭ ދަޢުވަތެވެ.
ދަޢުވަތުއް ސަލަފިއްޔާ (ސަލަފީ ދަޢުވަތަކީ) މި އެވެ.
މީގެ މަތީގައި ނަބިއްޔާ صلى الله عليه وسلم ގެ ޢަޞްޙާބުން ދެމިތިއްބެވި އެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުން އެނަބިއްޔާ ދުނިޔެ ދޫކުރެއްވުމަށްފަހުގައި މި މަންހަޖުގެ މަތީގައި، ދަޢުވަތު ދިނުމުގައި ޤާއިމްވެ ދެމިތިއްބެވި އެވެ. އެއީ، ތަޥްޙީދަށް ގޮވާލުމާއި، (ﷲ އަށް) ޝަރީކުކުރުމުން އެއްކިބާވުމާއި، އެކަލާނގެ އަމުރުފުޅު ކުރައްވާ އެކަލާނގެ ވަޙީބަސްފުޅުގައިވާ ފަދައިން، ޢަމަލުން އަދި ބަސްތަކުން އެކަލާނގެ ތަޥްޙީދު މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި ދެމިތިއްބެވެ. އެކަލާނގެ (ބަޤަރާ ޞޫރަތުގައި) ވަޙީކުރެއްވި އެވެ. {يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ} [البقرة: 21] އަދި އެކަލާނގެ سبحانه و تعالى ވަޙީކުރެއްވި އެވެ. {وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا} [النساء: 36] އަދި އެކަލާނގެ سبحانه و تعالى ވަޙީކުރެއްވި އެވެ.{وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ} [البينة: 5]"
ފަތުވާ ބައްލަވާ : http://goo.gl/Z2PZiA
ތަރުޖަމާ ކުރީ: މ.ހ