ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ދީނުގެ ނަމުގައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމުގެ ޙުކުމް

ސުވާލު: ދީނާ އެންމެ ދުރުގައިވާ ނަމަވެސް ދީނުގެ ފޭރާމުގައިވާ ސިޔާސީ ޕާޓީތަކަށް އިންތިސާބުވެ ނިސްބަތްވުމުގެ ޙުކުމަކީ ކޮބާ؟


ޖަވާބު: الله جل وعلا އަހަރެމެންނަށް އަމުރުކުރެއްވީ ޤުރްއާނާއި ސުންނަތަށް ތަބަޢަވުމަށެވެ. އަދި ރަސޫލާ صلى الله عليه وسلم އަށާއި ރަސޫލާގެ އަޞްޙާބު ބޭކަލުންނަށް ތަބަޢަވުމަށެވެ. (الله تعالى ވަޙީކުރެއްވި އެވެ:) {لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ} [الأحزاب: 21]. މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނަށް الله ގެ ރަސޫލާގެ ކިބައިގައި ރިވެތިވެގެންވާ މިސާލެއްވެ އެވެ."


އަދި الله تعالى ވަޙީކުރެއްވި އެވެ: {وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ} [التوبة: 100] މާނައީ: "އެންމެ ފުރަތަމައިނުން (އީމާންވުމުގަ އާއި، ހިޖުރަކުރެއްވުމުގަ އާއި، ޖިހާދުކުރެއްވުމުގަ އާއި، الله ގެ ދީން ޤާއިމްކުރެއްވުމުގައި) އިސްވެވަޑައިގެންނެވި މުހާޖިރުންނާއި އަންޞާރުންނާއި، ހެޔޮ ގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުންނަށް الله ރުހިވޮޑިގެންވި އެވެ. އަދި އެއުރެން އެއިލާހަށް ރުހުނޫއެވެ."


އަދި ނަބިއްޔާ صلى الله عليه وسلم ގެ އުންމަތާ ބެހޭގޮތުން ޚަބަރުދެއްވި އެވެ: {سَتَفْتَرِقُ هَذِه الأُمَّةُ عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلَّا وَاحِدَة}. قَالُوا: مَن هِيَ يَا رَسُولَ الله؟ قَالَ: {مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيهِ اليَوْمَ وَأَصْحَابِي}(1)، މާނައީ: "މި އުންމަތް ހަތްދިހަ ތިން ފިރުޤައަށް (ޖަމާޢަތަށް، ބައިގަނޑަށް) ބައިބައިވެގެންދާނެ އެވެ. އެ ހުރިހައި ފިރުޤާތަކެއް ވަނީ ނަރަކައިގައި؛ އެންމެ ފިރުޤައެއް ފިޔަވައެވެ." (ޞަޙާބީން) ދެންނެވި އެވެ: "الله ގެ ރަސޫލާ އެވެ. އެއީ ކޮން ފިރުޤާއެއްތޯ އެވެ؟" ޙަދީޘްކުރެއްވި އެވެ: "މިއަދު ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ އަޞްޙާބުން ތިއްބެވި ގޮތާ އެއްފަދަ ގޮތެއްގެ މަތީގައި ތިބޭ ބައެކެވެ."


ފަހެ މުސްލިމް މީހާގެ މައްޗަށް ވާޖިބުވެގެންވަނީ: ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބަޢަވުމެވެ. އަދި މުއުމިނު އަޅުތަކުންނާ އެކުގައި ވުމާއި މުސްލިމުންގެ ޖަމާޢަތާ އެކުގައި ވުމެވެ. އަދި އެހެނިހެން ޖަމާޢަތްތަކާއި (ޝަރީޢަތާ) ޚިލާފުވެފައިވާ އެހެން ފިރުޤާތައް ދޫކޮށްލުމެވެ. އަދި الله ގެ ޙިޒްބާ އެކު (ޖަމާޢަތާ އެކު) ވުމެވެ. އަދި ބައިބައިވެގެންވާ ޖަމާޢަތްތަކާ އެކުގައި ނުވުމެވެ. އެބައިމީހުންނާ ބެހޭގޮތުން الله ވަޙީކުރައްވާފައިވެ އެވެ: {كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ} [المؤمنون: 53] މާނައީ: "ކޮންމެ ޖަމާޢަތެއްމެ އެޖަމާޢަތުގެ ގާތުގައިވާ ގޮތާ މެދު އުފަލުން ތިބެއެވެ."


އޭނާ ވާހުށީ الله ގެ ޙިޒްބާ އެކުގަ އެވެ: {أُولَئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ} [المجادلة: 22] މާނައީ: "އެއުރެންނީ الله ގެ ޖަމާޢަތެވެ. ހަމަކަށަވަރުން الله ގެ ޖަމާޢަތުގެ މީހުންނީ ހަމަ ކާމިޔާބުވާނޭ މީހުންނެވެ." އަހަރެމެންނަށް އެންމެ ޙިޒްބެއް އަދި އެންމެ ޖަމާޢަތެއް މެނުވީ ނުވެ އެވެ. އަހަރެމެންނަކީ ޖަމާޢަތްތަކެއް ނޫނެވެ. ފަހެ މުއުމިނުންނީ އެއް ޖަމާޢަތެކެވެ: {وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ} [المؤمنون: 52] މާނައީ: "އަދި ހަމަކަށަވަރުން މިއީ އެއް އުންމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުންމަތެވެ. އަދި ތިމަން އިލާހަކީ ތިޔަބައިމީހުންގެ ވެރި އިލާހެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ."


ފަހެ އިސްލާމް ދީނުގައި ޖަމާޢަތްތަކެއް ނުވެ އެވެ. އެއާ ޚިލާފަށް (އިސްލާމް ދީނަކީ) އެއް ޖަމާޢަތެކެވެ. އެބައިމީހުންނީ أَهْلُ السُّنَّةِ وَالْجَمَاعَةِ އެވެ. އަދި އެބައިމީހުންނީ الفِرْقَةُ النَّاجِيَةُ (ސަލާމަތްވެގެންވާ ފިރުޤާ) އެވެ. އެބައިމީހުންނީ އެބައިމީހުންނާ އެކު އަހަރެމެން ކުރިއަށް ދިއުން ވާޖިބުވެގެންވާ މީހުންނެވެ. الله تعالى ވަޙީކުރެއްވި އެވެ: {وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ} [النساء: 69] މާނައީ: "ފަހެ އެއުރެން ވަނީ الله އެބައެއްގެ މައްޗަށް ނިޢުމަތް ދެއްވި މީހުން ކަމުގައިވާ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގަ އެވެ."


އަދި الله تعالى ވަޙީކުރެއްވި އެވެ: {وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ} [الأنعام: 153] މާނައީ: "މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ އެމަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ. އަދި (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ. (އެއިރުން) އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. އެއިލާހު ތިޔަބައިމީހުންނަށް އެ ކަންތައްތަކަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ."


ފަހެ ސަލާމަތްކަން ބޭނުންވާ މީހަކު ގުޅޭނީ أَهْلُ السُّنَّةِ وَالْجَمَاعَةِ ގެ ޖަމާޢަތާ އެވެ. އަދި (އެ ޖަމާޢަތަކީ) ރަސޫލާ صلى الله عليه وسلم އާއި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ސުންނަތުގެ މަތީގައިވާ ޖަމާޢަތެވެ.

 

(1) ރިވާކުރެއްވީ: أبو هريرة س ގެ އަރިއަހުން أبو داود އެބޭފުޅާގެ سنن ގައި (4596)، އަދި الترمذي އެބޭފުޅާގެ سنن ގައި (2642). އަދި ابن ماجه އެބޭފުޅާގެ سنن ގައި (3992)، އަދި އެނޫން ވެސް ބޭފުޅުން عوف بن مالك س ގެ އަރިއަހުން މި ޙަދީޘް ރިވާކުރައްވާފައިވެ އެވެ.

 

❆  ❆  ❆

ފަތުވާ ނަގައިފައިވަނީ: مجموعة رسائل دعوية و منهجية، الجزء الثاني، ص 103-104،  دار الإمام أحمد، الطبعة الثالثة 1434 ه

10.2.jpg