އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - ސަޢުދީ މުފްތީ الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله


އިސްލާމީ އުއްމަތަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދީނުގެ ނަމުގައި ފަސާދަކުރަމުންދާ ނުރައްކާތެރި ފިކުރުތަކެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ފިކުރަކީ، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި، އާއްމު މުސްލިމުން ކާފަރުކުރުން (ތަކްފީރު ކުރުން) އަދި ކުށެއްނެތް މީހުންގެ ލޭ އޮހޮރުވުން ހުއްދަކުރާ ޚަވާރިޖުންގެ ފިކުރެވެ. މިއީ އާ ކަމެއް ނޫނެވެ. މާތް ނަބިއްޔާ ﷺ ވަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، މި ނުރައްކާތެރި ބައިގަނޑު އުއްމަތުގެ ތެރެއިން ފާޅުވާނެކަމުގެ އިންޒާރު ދެއްވައި، އެމީހުންގެ ސިފަތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.
وَفِي رِوَايَةٍ لِمُسْلِمِ { عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : يَخْرُجُ قَوْمٌ مِنْ أُمَّتِي يَقْرَءُونَ الْقُرْآنَ لَيْسَ قِرَاءَتُكُمْ إلَى قِرَاءَتِهِمْ بِشَيْءِ وَلَا صَلَاتُكُمْ إلَى صَلَاتِهِمْ بِشَيْءِ يَقْرَءُونَ الْقُرْآنَ يَحْسَبُونَ أَنَّهُ لَهُمْ وَهُوَ عَلَيْهِمْ لَا تُجَاوِزُ قِرَاءَتُهُمْ تَرَاقِيَهُمْ يَمْرُقُونَ مِنْ الْإِسْلَامِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَوْ يَعْلَمُ الْجَيْشُ الَّذِينَ يُصِيبُونَهُمْ مَا قَضَى لَهُمْ عَلَى لِسَانِ نَبِيِّهِمْ لَنَكَلُوا عَنْ الْعَمَلِ }
“އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. ޢަލީ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބަޔަކު ނުކުންނާނެއެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. ތިޔަބައިމީހުންގެ ކިޔެވުމަކީ އެބައިމީހުންގެ ކިޔެވުމާ އަޅާބަލާއިރު އެއްޗެއް ނޫނެވެ. އަދި ތިޔަބައިމީހުންގެ ނަމާދަކީ އެބައިމީހުންގެ ނަމާދާ އަޅާބަލާއިރު އެއްޗެއް ނޫނެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. އެބައިމީހުން ހީކުރާނީ އެއީ އެބައިމީހުންގެ ފަރާތަށް (ހެޔޮކަމެއްގެ ގޮތުގައި) ވާނެ ކަމެއް ކަމަށެވެ. އެކަމަކު، އެއީ އެބައިމީހުންގެ މައްޗަށް (ނުބައިކަމެއްގެ ގޮތުގައި) ވާނެ ކަމެކެވެ. އެބައިމީހުންގެ ކިޔެވުން އެބައިމީހުންގެ ކަރުގަނޑުން ފައިބައެއް ނުދާނެއެވެ. އެބައިމީހުން އިސްލާމްދީނުން ބޭރުވެގެންދާނީ، ތީރު ޝިކާރުގެ (ހަށިގަނޑުން) ނުކުމެގެންދާ ފަދައިންނެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ލަޝްކަރަށް، އެބައިމީހުންގެ ނަބިއްޔާގެ ދުލުން އެބައިމީހުންނަށް ކަނޑައެޅިފައިވާ (ދަރުމައިގެ) ވާހަކަ އެނގޭނަމަ، އެބައިމީހުން (އެ ހަނގުރާމައިގެ) ޢަމަލު ދޫކޮށްނުލައިފީހެވެ.”“
މި މަތިވެރި ނަބަވީ އިންޒާރުން ސާފުކޮށް އެނގިގެންދާ ފަދައިން، މިބައިމީހުންނަކީ ބޭރުފުށުން ވަރަށް ދީންވެރިކަމަށް ދައްކައި، ގިނަގިނައިން ޤުރުއާން ކިޔަވައި އަޅުކަންކުރާ ބައެއްކަމުގައި ފެނުނު ނަމަވެސް، އެމީހުންގެ އީމާންކަން ހިތާ ހަމައަށް ފޯރާފައެއް ނުވެއެވެ. އެމީހުން ޤުރުއާން ކިޔަވައި މާނަކުރާނީ އޮޅުވާލައިގެން، ބާޠިލު ގޮތުގައެވެ.
މިއަދުގެ ޒަމާނުގައި "ޖިހާދު" ގެ ނަމުގައި ހަރަކާތްތެރިވާ "ތަކްފީރީ-ޖިހާދީ" ޖަމާޢަތްތަކާއި، އުސާމާ ބިން ލާދިން ފަދަ މީހުންގެ ކިބައިން ފެންނަނީ ސީދާ މި ޙަދީޘްގައި ބަޔާންކުރެވިފައިވާ ޚަވާރިޖުންގެ ސިފަތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮންގޮއްވުމާއި ފަސާދަކުރުމަށް ހިތްވަރުދީ، މުސްލިމުންގެ ލޭ އޮހޮރުވުން ހުއްދަކުރާ މިފަދަ މީހުންނަކީ އިސްލާމްދީނުގެ ޤާއިދުންތޯ ނުވަތަ ޚަވާރިޖުންތޯ، މިއީ ގިނަ ބަޔަކު އޮޅުމެއްގެ ތެރޭގައި ތިބެ އުފައްދާ ސުވާލެކެވެ.
ތިރީގައިމިވާ ލިޔުމަކީ، އުސާމާ ބިން ލާދިން ފަދަ މީހުންނާ މެދު ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔަކީ ކޮބައިކަން ހާމަކޮށްދޭ މުހިންމު ފަތުވާއެކެވެ.
ސުވާލު: أَحْسَنَ اللَّهُ إِلَيْكُمْ، يَقُولُ السَّائِلُ: هَلِ الْمَسْعَرِيُّ، وَالْفَقِيهُ، وَأُسَامَةُ بْنُ لَادِنَ يُسَمَّوْنَ مِمَّنْ فَارَقَ الْجَمَاعَةَ؟ وَمَا رَأْيُكُمْ بِمَنْ يَقُولُ إِنَّ الشَّيْخَ ابْنَ بَازٍ لَمْ يَتَكَلَّمْ فِي أُسَامَةَ بْنِ لَادِنَ، وَالْفَتْوَى الْمَنْسُوبَةَ لِلشَّيْخِ مَكْذُوبَةٌ عَلَيْهِ، وَيَحْتَجُّ كَثِيرًا بِهَذِهِ الْمَقُولَةِ؟ ﷲ ތިބާއަށް ހެޔޮގޮތް މިންވަރުކުރައްވާށިއެވެ! ސުވާލުކުރާ ފަރާތް ބުނެއެވެ: އަލްމަސްޢަރީއާއި، އަލްފަޤީހާއި، އަދި އުސާމާ ބިން ލާދިންއަށް ކިޔެނީ ޖަމާޢަތާ ވަކިވެގަތް މީހުންގެ ތެރެއިންނޭތޯއެވެ؟ އަދި ޝައިޚް އިބްނު ބާޒް، އުސާމާ ބިން ލާދިންއާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައި (އެބަހީ: ރައްދުދެއްވައި އިންޒާރުކުރައްވާފައި) ނުވާކަމަށާއި، ޝައިޚަށް ނިސްބަތްކުރެވިފައިވާ ފަތުވާއަކީ އެކަލޭގެފާނުގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށް ބުނާ މީހާއާ މެދުގައި، ތިބާގެ ރައުޔަކީ ކޮބައިތޯއެވެ؟ އަދި އޭނާ މި ބުނުމުން ގިނަގިނައިން ޙުއްޖަތްދައްކައި އުޅެއެވެ.
ޖަވާބު (الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله) : أَمَّا سَعْدُ الْفَقِيهِ، وَأُسَامَةُ بْنُ لَادِنَ، وَالْمَسْعَرِيُّ، أَنْتُمْ تَحْكُمُونَ عَلَيْهِمْ مِنْ أَفْعَالِهِمْ، وَأَقْوَالِهِمْ. تَحْكُمُونَ عَلَيْهِمْ مِنْ أَفْعَالِهِمْ وَأَقْوَالِهِمْ. لَا تَكْذِبُوا عَلَيْهِمْ، وَلَكِنِ احْكُمُوا عَلَيْهِمْ بِمَا ظَهَرَ مِنْهُمْ مِنَ التَّصَرُّفَاتِ. ސަޢުދު އަލްފަޤީހާއި، އުސާމާ ބިން ލާދިންއާއި، އަދި އަލްމަސްޢަރީއާ މެދުގައި ދަންނަވަމެވެ. ތިޔަބައިމީހުން އެބައިމީހުންގެ މައްޗަށް ޙުކުމްކުރާނީ އެބައިމީހުންގެ ޢަމަލުތަކާއި އެބައިމީހުންގެ ބަސްތަކުންނެވެ. ތިޔަބައިމީހުން އެބައިމީހުންގެ މައްޗަށް ޙުކުމްކުރާނީ އެބައިމީހުންގެ ޢަމަލުތަކާއި ބަސްތަކުންނެވެ. އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުން ދޮގު ނަހަދާށެވެ. ނަމަވެސް އެބައިމީހުންގެ ފަރާތުން ފާޅުވި ޢަމަލުތަކާއި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އެބައިމީހުންގެ މައްޗަށް ޙުކުމްކުރާށެވެ.
وَأَمَّا أَنَّ الْفَتْوَى مَكْذُوبَةٌ عَلَى الشَّيْخِ، فَهَذَا هُوَ الْكَذِبُ. الْكَاذِبُ هُوَ الَّذِي يَقُولُ إِنَّهَا مَكْذُوبَةٌ. لَيْسَتْ مَكْذُوبَةً، وَنَحْنُ سَمِعْنَاهَا مِنَ الشَّيْخِ، سَمِعْنَاهَا مِنَ الشَّيْخِ -رَحِمَهُ اللَّهُ-، وَكُتِبَتْ فِي فَتَاوَاهُ، وَطُرِحَتْ عَلَيْهِ وَهُوَ حَيٌّ، وَقُرِئَتِ الْفَتَاوَى بَعْدَ وَفَاتِهِ عَلَى الْمَشَايِخِ وَوَافَقُوهَا، فَالَّذِي يَقُولُ إِنَّهَا مَكْذُوبَةٌ هُوَ الْكَاذِبُ. އަދި އެ ފަތުވާއަކީ ޝައިޚްގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށް ބުނާ ބުނުމާމެދު ދަންނަވަމެވެ. ފަހެ، އެއީ ދޮގެކެވެ. ދޮގުވެރިޔަކީ އެއީ ދޮގެއްކަމަށް ބުނާ މީހާއެވެ. އެއީކީ ދޮގެއް ނޫނެވެ. އަދި ތިމަންމެން އެ ފަތުވާ ޝައިޚްގެ ފަރާތްޕުޅުން އެހީމުއެވެ. ތިމަންމެން އެ ފަތުވާ ޝައިޚް -رحمه ﷲ- ގެ ފަރާތްޕުޅުން އެހީމުއެވެ. އަދި އެކަލޭގެފާނުގެ ފަތުވާތަކުގެ ތެރޭގައި އެ ލިޔެވިފައިވެއެވެ. އަދި އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނަށް އެ ހުށަހެޅުނެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހު، އެ ފަތުވާތައް މަޝާއިޚުންނަށް ކިޔައިދެވުނެވެ. އަދި އެބޭފުޅުން އެއަށް އެއްބަސްވެވަޑައިގަތެވެ. ފަހެ، އެއީ ދޮގެއްކަމަށް ބުނާ މީހަކީ، ހަމަ އޭނާއަކީ ދޮގުވެރިޔާއެވެ.
ސުވާލު: وَهَذَا أَيْضًا يَقُولُ: لَا يَخْفَى عَلَى سَمَاحَتِكُمْ مَا لِأُسَامَةَ بْنِ لَادِنَ مِنْ تَحْرِيضٍ لِلشَّبَابِ فِي الْعَالَمِ، وَأَيْضًا الْإِفْسَادُ فِي الْأَرْضِ، وَالسُّؤَالُ: هَلْ يَسُوغُ لَنَا أَنْ نَصِفَهُ بِأَنَّهُ مِنَ الْخَوَارِجِ، لَا سِيَّمَا وَأَنَّهُ مُؤَيِّدٌ لِلتَّفْجِيرَاتِ فِي بِلَادِنَا وَغَيْرِهَا؟ އަދި މީނާވެސް ބުނެއެވެ. ދުނިޔޭގައިވާ ޒުވާނުންނަށް އުސާމާ ބިން ލާދިން ކުރަމުންދާ ތަޙްރީޟް (އެބަހީ: އެކުދިންގެ ޖަޒުބާތުތަކާ ކުޅެ، ފޯރިއަރުވައި ފިތުނައިގެ ތެރެއަށް ވެއްދުން)، އަދި ހަމައެފަދައިން (ބިން ލާދިން) ބިމުގައި ފަސާދަކުރުންވެސްމެ، މަނިކުފާނަށް (ސަމާޙަތުއްޝައިޚަށް) ވަންހަނާވެގެން ނުވާނެއެވެ. ސުވާލަކީ: އޭނާއަކީ ޚަވާރިޖުންގެ ތެރެއިންވާ މީހެއްކަމުގައި ޞިފަކުރުން އަހަރެމެންނަށް ހުއްދަވާނެތޯއެވެ؟ ޚާއްޞަކޮށް، އޭނާއަކީ އަހަރެމެންގެ ޤައުމުގައާއި އަދި އެނޫންވެސް ޤައުމުތަކުގައި ދެވޭ ބޮމުގެ ޙަމަލާތަކަށް ތާއީދުކުރާ މީހަކަށް ވީހިނދުގައެވެ؟
ޖަވާބު (الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله) : كُلُّ مَنِ اعْتَنَقَ هَذَا الْفِكْرَ فَهُوَ مِنَ الْخَوَارِجِ. كُلُّ مَنِ اعْتَنَقَ هَذَا الْفِكْرَ وَدَعَا إِلَيْهِ وَحَرَّضَ عَلَيْهِ فَهُوَ مِنَ الْخَوَارِجِ، بِقَطْعِ النَّظَرِ عَنِ اسْمِهِ وَعَنْ مَكَانِهِ. فَهَذِهِ قَاعِدَةٌ: أَنَّ كُلَّ مَنْ دَعَا إِلَى هَذَا الْفِكْرِ؛ وَهُوَ الْخُرُوجُ عَلَى وُلَاةِ الْأُمُورِ، وَتَكْفِيرُ الْمُسْلِمِينَ، وَاسْتِبَاحَةُ دِمَاءِ الْمُسْلِمِينَ، فَهُوَ مِنَ الْخَوَارِجِ. މި ފިކުރު ޤަބޫލުކޮށްފި (އެ ފިކުރުގައި ހިފައިފި) ކޮންމެ މީހަކީ ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ. މި ފިކުރު ޤަބޫލުކޮށް، އެއަށް ގޮވާލައި، އަދި އެކަމަށް ހިތްވަރުދީފި ކޮންމެ މީހަކީ ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ. އެއީ އޭނާގެ ނަމަކަށް އަދި އޭނާ ހުރި ތަނަކަށް ބެލުމެއް ނެތިއެވެ.
ފަހެ މިއީ ޤަވާޢިދެކެވެ. އެއީ މި ފިކުރަށް ގޮވާލި ކޮންމެ މީހަކީ، އެބަހީ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމުން ބޭރުވުމާއި (މުސްލިމް ވެރިންނާ ދެކޮޅަށް ޚުރޫޖްކޮށް ނުކުތުމާއި)، މުސްލިމުން ކާފަރުކުރުމާއި، މުސްލިމުންގެ ލޭ ހުއްދަކުރުމުގެ ފިކުރަށް ގޮވާލައިފި ކޮންމެ މީހަކީ، ފަހެ އޭނާއަކީ ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ."
ބުއްދީގެ އަހުލުވެރިންނޭވެ! ކުޑަކޮށް ވިސްނަވާލައްވާށެވެ.

މިއަދުގެ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ދަނީ، ބިމުގައި ފަސާދަ އުފައްދައި މުސްލިމުންގެ ލޭ އޮހޮރުވާ މީހުންނަށް "މުޖާހިދުން" އަދި "ޝަހީދުން" ގެ މަތިވެރި ލަޤަބުތައް ދީ، ޒުވާނުންގެ ޖަޒުބާތުތަކާ ކުޅެމުންނެވެ. އެހެންނަމަވެސް، ޙައްޤު މަގަކީ މީސްމީޑިއާގައި ފެތުރޭ ޖޯޝުން ފުރިފައިވާ ބަސްތަކެއް ނޫނެވެ. ޤުރުއާނާއި ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ފަތުވާތަކަށް ބަލައިފިނަމަ، މިއީ އިސްލާމްދީނުގެ ނިވަލުގައި ތިބެ ހިންގާ ނުރައްކާތެރި "ޚަވާރިޖު" ފިކުރުކަން އިރުގެ އަލިކަން ފަދައިން ސާފުވާން އެބައޮތެވެ.

އަޅުގަނޑުމެން އަމިއްލަ ނަފުސާ ކޮށްލަންޖެހޭ އެންމެ މުހިންމު ސުވާލަކީ މިއީއެވެ: މުޅި ޙަޔާތްޕުޅު އިސްލާމީ ޝަރީޢަތުގެ ޢިލްމުގައި ހޭދަކުރެއްވި ރައްބާނީ ޢިލްމުވެރިންނަށް ފަހުމްވެވަޑައިނުގަތް 'ޙައްޤެއް'، އަދި އެބޭފުޅުންނަށް ފެނިވަޑައިނުގަތް 'މަތިވެރިކަމެއް'، މިއަދު އަޅުގަނޑުމެންނަށް މި ކިޔައިދެނީ ކޮން ބައެއް ހެއްޔެވެ؟
އެންމެހައި އަޚުންނޭވެ. ދަންނާށެވެ! ޚަވާރިޖުންނާމެދު ﷲ ބާވައިލެއްވި ޙުކުމުން ޙުކުމްނުކޮށް އެ ރައްދުކޮށް އިންކާރުކޮށްފި ކޮންމެ މީހަކީ، މުޙައްމަދު ﷺ ގެ ޝަރީޢަތާ ފާޅުގައި ދެކޮޅުހަދައިފި މީހެކެވެ. އަދި އެމީހަކީ ﷲ عز وجل ގެ މި ބަސްފުޅާ އިދިކޮޅުހަދައިފި މީހެކެވެ. ﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ﴾ (އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމްނުކުރާ މީހުން ދަންނާށެވެ! ފަހެ، އެއުރެންނަކީ ހަމަ ކާފިރުންނެވެ.) [ސޫރަތުލް މާއިދާ: 44]
އަދި ހަމައެފަދައިން ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ: ﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގައި، ކަލޭގެފާނު ޙުކުމްވެރިއަކަށް ހަދައި، ދެން ކަލޭގެފާނު ނިންމެވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި އެއްވެސް ދަތިކަމެއް ނުބާއްވައި، ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވެއްޖައުމަށް ދާންދެން، އެއުރެން މުއުމިނުން ކަމުގައެއް ނުވާނެއެވެ.) [ސޫރަތުއް ނިސާ: 65]
ފަހެ، މިފަދައިން ﷲ سبحانه وتعالى އަންގަވާފައިވާއިރު، ޚަވާރިޖުންނާ ބެހޭގޮތުން މާތް ނަބިއްޔާ ﷺ ގެ ކިބައިން އައިސްފައިވާ ޞައްޙަ ރިވާޔަތްތައް އަޅުގަނޑުމެން ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ އަދި ޚަވާރިޖުންނާ މެދު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ސާފު ބަސްފުޅުތައް ދޫކޮށްލައި، މީސްތަކުންގެ ހަވާނަފްސާއި އަމިއްލަ އެދުންތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ޙުކުމްކުރާނީ ކިހިނަކުން ހެއްޔެވެ؟ ދަންނާށެވެ! ޚަވާރިޖުންނަކީ ކޮންމެ ޒަމާނެއްގައިވެސް ފާޅުވަމުންދާނެ ބައެކެވެ. ޙަދީޘްގައި ވާރިދުވެފައިވާ ފަދައިން، އެބައިމީހުންގެ ބައިގަނޑެއް ފާޅުވާ ކޮންމެ ފަހަރަކު ﷲ އެބައިމީހުން ކަނޑުއްވައި ނެތިކުރައްވާނެއެވެ. އެއީ އެބައިމީހުންގެ އެންމެ ފަހު ބައިގަނޑު ނުކުމެ ދައްޖާލާ ގުޅިއްޖައުމަށް ދާންދެނެވެ!
ޙަޤީޤަތުގައި އެބައިމީހުން އެ އުޅެނީ ﷲ ގެ ޝަރީޢަތް ބަދަލުކުރާށެވެ! އަދި ފާޅުގައި އިސްލާމުން ކާފަރުކުރާށެވެ! ﷲ މުސްލިމުންކަމުގައި ލެއްވި ބަޔަކު ކާފަރުކުރަން، މިއީ ކޮންތާކުން އައި ބައެއް ހެއްޔެވެ؟ މިއީ ﷲ ގެ ރައްބުވަންތަކަމަށް ދަޢުވާކުރުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ﷲ އިސްލާމުންކަމުގައި ލެއްވި މީހުން (ޚަވާރިޖުން ޢަލީ رضي الله عنه ކާފަރުކޮށް ޤަތުލުކުރި ފަދައިން) ކާފަރުން ކަމުގައި ހަދަނީ ހެއްޔެވެ؟ ﷲ އެމީހުންނަށް އިޛްނަދެއްވާފައި ނުވާ ކަމެއްގައި، އަމިއްލައަށް ދީން ހަދައި ޝަރުޢު ބަދަލުކުރަނީ ހެއްޔެވެ؟ ދީން ބަދަލުކުރުމަށްޓަކައި ﷲ ފިޔަވައި އެމީހުންނަށް ޝަރީކުންތަކެއް ލިބިގެންވަނީ ހެއްޔެވެ؟
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ: ﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ﴾ (ނުވަތަ ﷲ އިޛްނަދެއްވާފައިނުވާ ކަންތައް، ދީނުގެ ތެރެއިން އެއުރެންނަށްޓަކައި ޝަރުޢުކޮށްދޭނޭ ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟) [ސޫރަތުއް ޝޫރާ: 21]. ދަންނާށެވެ! ﷲ އިސްލާމުން ކަމުގައި ލެއްވި މުސްލިމަކު ނުޙައްޤުން ކާފަރުކުރާ (އިސްލާމް ކަމުގެ ދާއިރާއިން ބޭރުކުރާ) ކޮންމެ މީހަކީ، ސީދާ ﷲ ގެ ވަޙީއަށް ފާޅުގައި އިންކާރުކޮށް ދެކޮޅުހަދާ މީހެކެވެ.
ފަހެ، އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސްމެއެވެ. އަޅުގަނޑުމެން ހިފަހައްޓައި ޤަބޫލުކުރާނީ ﷲ ގެ ބަސްފުޅާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅެވެ. އަދި އަޅުގަނޑުމެން އެންމެހައި މީސްތަކުންގެ މައްޗަށް ޙުކުމްކުރާނީވެސް އެއިންނެވެ. ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅާ ޚިލާފުވެއްޖެ ކޮންމެ މީހަކާ އަޅުގަނޑުމެން ޚިލާފުވާނަމެވެ. އަދި އެމީހަކާ ދެކޮޅަށް ރައްދުދީ، އެމީހެއްގެ ނުބައިކަމުން ރައްކާތެރިވުމަށް އަޅުގަނޑުމެން މީސްތަކުންނަށް އިންޒާރުދޭނަމެވެ. އެހެނީ، ﷲ ގެ ޝަރީޢަތުން ޙުކުމްކުރުމަކީ ސީދާ މިއީއެވެ!